މުޅި ރާއްޖެއަށް އެއާ ކާގޯގެ ހިދުމަތް ފެށޭނެ ގޮތެއް ބަލަން ދިރާސާއެއް ހަދަން ރީޖިނަލް އެއާޕޯޓްސް ލިމިޓެޑް (އާރްއޭސީއެލް) އިން ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާރްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު މުބީންއެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސްލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މުޅިރާއްޖެ ހިމެނޭހެންކުރާ ދިރާސާ ކުރިއަށްދަނީ ރަށްތައް ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. ދިރާސާ ނިންމުމަށް ތާވަލް ކުރެވިފައިވަނީ ހަތަރު މަސް ދުވަހުންނެވެ.

އެ މިދިރާސާއިން ހޯދޭނެ ބައެއް މައުލޫމާތު ތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެއާކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުމާއި ވިޔަފާރި ތަކުން އެއާކާގޯ މެދުވެރިކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުން ހިމެނެ އެވެ.

މީގެއިތުރުން އެއާކާގޯ މެދުވެރިކޮށް މުދާފޮނުވުމަށްޓަކައި ދިމާވާ ދަތިތައް އަދި މިކަންކަން ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި ކަނޑުމަގުން އެއާޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކާގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުމާއި ރީޖަނަލް އެއޕޯޓްސްތަކުގައި އެއަރކާގޯގެ ޚިދުމަށް ދިނުމަށްޓަކައި ވަސީލަތްތައްހުރި މިންވަރު ދެނެގަތުން ވެސް ހިމެނެ އެވެ.

އާރުއޭސީއެލްގެ ފަރާތުން ބޭރުގެ ކުންފުންޏަކާ އެއްކޮށް ޑްރޯން މެދުވެރިކޮށް ކާގޯ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަޝްވަރާތަކެއް ކުރުވެމުންދާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ.