މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެ އެވެ.

އާދީއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރުމާއި ސްޓެލްކޯއިން ވަނީ ހަވާލުވެފަ އެވެ.

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

މި ފަހުމުނާމާއަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. މި ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ މިއާއިއެކު އެ ތަންތަނުގައި ކުރަންހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މި އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާ ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން މި މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ.

"މީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ. ޙަޤީޤަތުގަ އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫންނަމަ މި މަސައްކަތް އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފަ" ފަހުމީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ސްޓެލްކޯއަކީ ކުރީއްސުރެވެސް މި ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ހަގީގަތުގަ އަޅުގަނޑުމެންގެ މި ބަހާބެހޭ ވުޒާރާއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް. ވަރަށް ގިނަ އެހީތެރިކަން ދެއްވަމުން ގެންދަވާ. އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވިފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގަވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށްބޮޑާށް ލިބިފަ ވަނީ" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި، މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.