ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކަން ހުޅުވާލި ތިންވަނަ ފަހަރެެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލްތަކުގެ ތެރޭގައި 27 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.4 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 90 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 114 މިލިއަން ރުފިޔާގެ ޓީ-ބިލަކާޢި 364 ދުވަހުން އަނބުރާ ދެއްކުމަށް 952 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.