މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެ މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވުމުގެ ސަބަބުން ވަގުތީ ގޮތުން އެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެންފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަސްމާ ޝަފީއު އެވެ.