އަތޮޅުތެރޭގެ ރަށްތަކުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނި ފެނަކައިގެން ޗެއާމަނަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ހަމަޖައްސައިފި އެވެ.

މި ސަރުކާރުން އެކުލަވާލި އިންތިގާލީ ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި ޝަހީރަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ހަމަޖައްސާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ ޝިމާދު އިބްރާހިމެވެ.

އެސްޓީއޯގައި ގާތްގަނޑަކަށް 30 އަހަރު އެކި މަގާމުތައް ފުރުއްވި ޝަހީރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމު އަދާކުރައްވައިފަ އެވެ. ޝަހީރަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެ އެވެ.

ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ އަދި ދަރަނިވެރިވެފައިވާ ފެނަކައިގެ އެމްޑީގެ މަގާމަށް މި ސަރުކާރުން ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުއާޒް ރަޝީދެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.