ރާއްޖެ އަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން މިއަދު ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރާއްޖެއަށް 10,213 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ދުވަސް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެއް ދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު 8،900 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެވަރެޖްކޮށް ދުވާލަކު 6،398 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ އަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެ އެވެ.