ޗައިނާގެ އިތުރު އެއާލައިނެއް ކަމަށްވާ ޝިއަންމެން އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.

ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީން ސީދާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށެވެ.

ޝިއަންމެން އެއާގެ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެފަ އެވެ.

ޝިއަންމެން އެއާއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެކެވެ. އެ އެއާލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ދާދިފަހުން ވަނީ ޗައިނާގެ ހޮންގް ކޮންގް އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ. އަދި ޝިއަންމެން އެއާ އާ އެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވަނީ ފަހަކަށް އިތުރުވެފަ އެވެ.

ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް އަލުން ހަދަން މަސައްކަތް ކުރުމަށް ރާއްޖެ އާއި ޗައިނާގެ ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ވެސް އިލްތިމާސްކުރައްވައިފަ އެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކޯވިޑްގެ ކުރިން ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ވަނީ 40،000 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ މާކެޓުތަކުގެ 14 ޕަސެންޓެވެ.