ޖަކާޓާ (ފެބްރުއަރީ 15) - ގިނަ އަދަދެއްގެ ދިވެހިން ވެސް ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރާ އިންޑޮނީޝިއާގެ ހިތްގައިމު ޓޫރިޒަމްގެ މަންޒިލް، ބާލީ އަށް ދެން އެތެރެވެވޭނީ 150،000 ރުޕިއާ (10 ޑޮލަރު) ދައްކާފައި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސައިފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ޑެސްޓިނޭޝަނަށް އެތެރެވާ ޓޫރިސްޓުންގެ އަތުން 10 ޑޮލަރުގެ ޓެކްސްއެއް ނަގަން ނިންމާފައި ވަނީ ބާލީގެ ތިމާވެއްޓާއި ސަގާފަތާއި އާސާރުތައް ހިމާޔަތް ކުރަން ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރު އިއުލާންކުރި ޓޫރިސްޓް ޓެކްސް ނަގަން ފަށާފައި ވަނީ މި އަހަރުގެ ވެލަންޓިއަންސް ޑޭ (ބުދަ ދުވަހުން) އިން ފެށިގެންނެވެ.

ބާލީ އަށް އެތެރެވާއިރު 10 ޑޮލަރު ދައްކަން ޖެހެނީ ބޭރު ގައުމުތަކުން ދަތުރުކުރާ ޓޫރިސްޓުންނާއި އިންޑޮނީޝިއާގެ އެކި ހިސާބުތަކުން ބާލީ އަށް ދާ ބިދޭސީންގެ އަތުންނެވެ. ޑޮމެސްޓިކް ޓޫރިސްޓުންގެ އަތުން ފީ ނެގުމަށް ހަމަޖެހިފައެއް ނުވެ އެވެ. ބާލީ އަށް އެތެރެވުމުގެ ކުރިން އޮންލައިންކޮށް މި ޓެކްސް ދައްކަން ޖެހެ އެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ބާލީ އަށް ވަނީ 4.8 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. ބާލީގެ ޖީޑީޕީގައި ޓޫރިޒަމްގެ ހިއްސާ އަކީ 60 ޕަސެންޓެވެ.

ބާލީގެ ސްޓެޓިސްޓިކްސް ބިއުރޯ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު އެ ޕްރޮވިންސަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައި ވަނީ އޮސްޓްރޭލިއާ އިންނެވެ. އެ ގައުމުން ވަނީ އެއްލައްކަ އަށް ވުރެ ގިނަ މީހުން ބާލީ އަށް ދަތުރުކޮށްފަ އެވެ. ދެން އެންމެ ގިނަ މީހުން ބާލީ އަށް ދިޔައީ ޗައިނާ އާއި ސިންގަޕޫރުންނެވެ.