ދަ މާކެޓާސް ސަމިޓް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 24 ގެ ނިޔަލަށް، ގައުމީ ޔުނިވާސިޓީ ގެ ސީއޭ އޯޑިޓޯރިއަމްގަ އެވެ. މިއީ މި އިވެންޓްގެ ދެވަނަ އެޑިޝަނެވެ.

ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް ވެގެންދާނީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ އުންމީދީ އެއް ހަރަކާތަށެވެ. އެގޮތުން މި އިވެންޓްގައި މި ސިނާއަތުގެ އިސްވެރިންނާއި މާކެޓިން ޕްރޮފެޝަނަލުންނާއި އުއްމީދީ ހުނަރުވެރިން އެއް ތަނަކަށް އެއްކޮށް، މާކެޓިން ދާއިރާގެ މުސްތަގްބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަނެވޭނެ އެވެ.

މި އަހަރުގެ ދަ މާކެޓާސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މި އައު އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ. މިގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު މައުޟޫއުތަކާ ބެހޭ ގޮތުން އެބޭފުޅުންގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.