މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 35 ޕަސެންޓް ދަށްވެ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 66 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް 35 ޕަސެންޓަށް ދަށްވިއިރު އެކްސްޕޯޓްކުރި މުދަލުގެ އަގު ވެސް ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު މިދިޔަ މަހު އިމްޕޯޓްކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 102 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު 297 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.