އިންޓަނެޓް އަގުކުރަން ސަރުކާރުންވި ވައުދާ އެއްގޮތަށް، އިންޓަނެޓް އަގުހެޔޮކުރެވޭނީ ދެ އަހަރެއްހާ ދުވަސް ތެރޭގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން އަގުހެޔޮ ނުކޮށްގެން ލަސްވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށާއި މުއާސަލާތީ ކުންފުނިތަކަށް ފާޑުކިޔަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޓަނޭޓް އަގު ކުޑަކުރުމަކީ ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފުސީލްތައް ކުރިއަށް އޮތްތަނުގައި ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވަގުތު ހުރި ސްޓެޓިސްޓިކަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތް ރަނގަޅު ކުރުމާ ގުޅޭގޮތުން މިއަހަރު ތެރޭގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އިންޓަނޭޓް ޓްރޮޓެލް ވުމުގެ މަސައްލަ ހައްލު ކުރަން،މާނައަކީ ޕެކޭޖެއް ނަގާފައި ވަކި ސްޕީޑެއްގައި ލިބޭނެ ކަމަށް ބުނެފައި،މާ އަވަހަށް ޕެކޭޖް ހުސްވާ މައްސަލަ، އެއީ އޮތް ވަރަށް ބޮޑު ޝަކުވާއެއް، ދެން އެ ސްޕީޑް ދެމި ނުހުންނަކަަމަށް، ކުރެވޭ ޝަކުވާ". މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަތަކަށް އެޑްރެސް ކުރުމުގެ ވިސްނުން މިވަގުތު އަވަސް ހައްލެއްގެ ގޮތުގައި ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި ވިސްނައިގެން، މިއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި އިންޓަނެޓު ޚިދުމަތާ ގުޅިގެން ގިނަ ބަޔަކު ކުރާ އެއް ޝަކުވާ ކަމުގައިވާ އިންޓަނެޓު ތުރޮޓުލްވުމުގެ މައްސަލައަށް މި އަހަރުގެ ތެރޭގައި ޙައްލެއް ސަރުކާރުން ހޯދާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުރު ރާސްތާ ވިސްނުން އެއީ އިންޓަނޭގެ އަގު ހެޔޮ ކުރުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި އެކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.

"އިންޓަނެޓްގެ އަގު ކުޑަ ކުރުމަކީ މުހިންމު ކަމެއް... އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކް ވިދާޅުވި އެވެ.