މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފި އެވެ.

މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ޏ. ފުވައްމުލަކަށެވެ. ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވި އެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ލެކްޗަރާ ސެޝަންގެ ތެރެއިން

މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ވަނީ ދީފަ އެވެ.

އެމްއެމްއޭ އިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދު ވެސް ކުރިއަށް ގެންދެ އެވެ. މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ.