މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް މިއަދު ފަށައިފި އެވެ.

ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަޑު މަގުސަދަކީ އެމްއޭސީއެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްމިސްރާބަކަށް ގެންދިއުމަށާއި އަދި މިއަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމެވެ.

މި ފޯރަމްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް އިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. ހަމަ މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.