ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ކ. ގުޅި އަދި ވ. ކެޔޮދޫގައި މިއަދު ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ގުޅީގައި މި ފެށި އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިން ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 5 ރަށެއްގައި މިވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ވަނީ ވ. އަތޮޅު ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދީ، 2 ރަށެއްގައި އޭޓީއެމް ވެސް ގާއިމްކޮށްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.