ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދެވެ.

މި އިވެންޓުގައި ކުރިއަށްދާ މައިގަނޑު ދެ މުބާރާތް ކަމަށްވާ އީއޭއެފްސީ 24 މިނީ ސީރީޒް 1 އަދި ޓެކެން އޯޕަންއަށް ދިރާގުން ވަނީ ޕްރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފަ އެވެ. އަދި މީގެ އިތުރުން އިވެންޓްއަށް އަންނަ ފަރާތްތަކަށް ވަގުތުން ބައިވެރިވެގެން އިނާމު ލިބޭ ގޮތަށް އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބެޓްގެ ޗެލެންޖުތައްވެސް ކުރިއަށްދާނެ އެވެ. 500 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ކުރިއަށްގެންދާ މި އިވެންޓުގައި ޖުމްލަ 40،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު، އަބްދުالله ރަފީއު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތަށް ފާހަގަކުރައްވާފަ އެވެ. އަދި ދިރާގުގެ އިސްނެގުމުގެ ދަށުން ބާއްވާ އީސްޕޯޓްސް މުބާރާތްތަކާއެކު މި ކުޅިވަރު ކުރިއަރާނެކަމަށް ޔަގީންކުރައްވާކަމަށާއި، މިފަދަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިވެ، ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މިކަމުން ކުރިއަށްދާން ހިތްވަރު ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ ގޭމަރުންގެ އެއްވަނަ ނެޓްވަރކް، ދިރާގާ އެކު ކުޅުންތެރިން ތިބިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި އީސްޕޯޓްސް ކުރިއަށްގެންދިޔުމަށް އެކުންފުނިން ދޭ އަހައްމިއްޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ސީއީއޯ ވަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ދިރާގުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރައްވާފަ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.