މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ ދ. ކުޑަހުވަދޫއާއި ދެމެދު ކުރާ ދަތުރުގެ ޓިކެޓް އަގަކަށް 5،397 ރުފިޔާ ކަނޑައަޅައި ޓިކެޓް ވިއްކަން ފަށައިފި އެވެ.

މަންޓާ އެއާ އިން ބުނީ ދެ ގަޑިއިރާއި 50 މިނެޓްގެ މިދަތުރުތަކުގައި ޕެސެންޖަރުންނަށް ހާއްސަ ފެއާއެއް އޮންނާނެ ކަމަށާއި ދަތުރުގައި ހާއްސަ ކެއުމެއް ވެސް ލިބޭނެ ކަމަށެވެ.

ދ. އަތޮޅާއި އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް އަމާޒު ހިފައިގެން ފަށާ މިދަތުރުތަކުގެ ހާއްސަ ފެއާ ކުރިއަށްދާނީ އަންނަ މަހުގެ އެކަކުން 15 އަށެވެ.

މަންޓާ އެއާގެ އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށްޓަކައި އެ އެއާލައިންގެ ފުރަތަމަ ބޯޓު ރާއްޖެ އައީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މަންޓާ އެއާ އިން ކޮންމެ ހަފްތާ އަކު އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު ކުޑަހުވަދޫ އިން ބެންގަލޫރަށް އަދި ބެންގަލޫރުން ކުޑަހުވަދޫ އަށް ސީދާ ދަތުރުތައް ކުރިއަށް ގެންދިއުމަށެވެ.

މިދަތުރުތައް ފެށުމުން ދ. އަތޮޅު ކައިރީގައި ހިންގާ ރިސޯޓްތަކާއި އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް މާލެ ނައިސް ސީދާ ދާލު އެއާޕޯޓުން އިންޑިއާއަށް ދަތުރުކުރެވޭނެ އެވެ.

މަންޓާ އެއާ އިން މިވަގުތު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫއަށާއި ބ. ދަރަވަންދޫއަށެވެ. މަންޓާ އެއާގެ ސީޕްލޭން ތަކުން ޝެޑިއުލް ދަތުރުތައް ރިސޯޓުތަކަށް ވެސް ކޮށްދެ އެވެ.