ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަޝްހޫރު ފޯބްސް އާއި ކޮސްމޯޕޮލިޓަން ފަދަ މަޖައްލާތަކެއްގެ އެޑިޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ހިންގާ ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ތަނުގެ ދައުވަތަކަށް ރާއްޖެ އައިސްފައި ވަނީ ރަޝިއާ އާއި ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) ސަރަހައްދުގައި މަޝްހޫރު ނޫސްވެރިންތަކެއް ކަމަށެވެ. އަދި މީ ރާއްޖެއަކީ ޓޫރިސްޓުން ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެގޮތުގައި އިޝްތިހާރުކުރުމަށް އެކި މާކެޓްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެއް ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މިގޮތުން ސީއައިއެސްގައި ހިމެނޭ ގައުމުތަކަށް އަމާޒްކޮށްގެން މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ ފެމް ޓްރިޕްކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. ސީއައިއެސް ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ކަޒަކިސްތާން އާއި އުޒްބަކިސްތާން އަދި ޔޫކްރެއިން ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ފެމް ޓްރިޕްގައި ކަޒަކިސްތާނުން ރާއްޖެއައި ނޫސްވެރިންގެ ފުރަތަމަ ޓީމު އައި މިމަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. މިއަދުގެ ނިޔަލަށް މި ޓީމް ރާއްޖޭގައި ހަރަކާތްތެރިވާއިރު މި ޓީމުގައި ދުނިޔޭގައި މަޝްހޫރު މަޖައްލާތައްކަމަށް ވާ ފޯބްސް، ކޮސްމޯޕޮލިޓަން، އެސްކުއާ އަދި ހާޕާސް ބާޒާރުގެ ޗީފް އެޑިޓަރުން ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

އެ ސައިޓްގައި ބުނެފައި ވަނީ އެ ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާތަކާ ގުޅޭގޮތުން އެ މަޖައްލާތަކުގައި ލިޔާ ލިޔުންތައް ބިނާކުރާނީ ސަލާމަތާއި ރައްކާތެރިކަން، ލަގްޒަރީ އަދި އެކޯ އިނީޝިއޭޓިވްސް މި މައުލޫތަކުގެ މައްޗަށް ކަމަށެވެ. އަދި އެ ލިޔުންތައް ގިނަ ބަޔަކާ ހަމައަށް ފޯރައި ރާއްޖެ އިތުރަށް އިސްތިހާރުވާނެ ކަމަށް ވިޒަޓް މޯލްޑިވްސްގައި ބުނެފައިވެ އެވެ.

މި ދަތުރުގައި ކަޒަކިސްތާނުން ޒިޔާރަތްކުރި ޓީމު ތިބޭނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ކުރަމަތި އައިލެންޑް ރިސޯޓްގަ އެވެ. ޝެރަޓަންގައި ތިބި ޓީމުން ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރެވޭ ތަޖުރިބާތަކާއި ރިސޯޓަށް ހާއްސަ ކެއުންތައް ތަޖުރިބާކޮށްފަ އެވެ. އަދި ކުރަމަތީގައި ތިބި ޓީމުން ވަނީ އިކޯ ސެންޓަރުގެ ތަޖުރިބާތަކާއި ގައިޑެޑް ޓުއާ ސްނޯކްލިން އަދި ސްޕާގެ ޚިދުމަތްތައް ބަލާ ތަޖުރިބާކޮށްފައި ކަމަށް އެ ސައިޓްގައި ބުނެފައިވެ އެވެ.