ފާޑުކިޔުން އަމާޒުވިޔަސް، އާ ޕްރައިވެސީ ޕޮލިސީއާއެކު ކުރިއަށްދާން ވަޓްސްއެޕްއިން ނިންމައިފި އެވެ.

ފޭސްބުކަށް ނިސްބަތްވާ ވަޓްސްއެޕްއިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، އެ އެޕް ބޭނުންކުރާ ފަރާތްތަކަށް ބޭނުންއިރަކު މި އަޕްޑޭޓާ ބެހޭ މައުލޫމާތު ކިޔުމަށް ފަސޭހަކޮށް، އެ ފުރުސަތު ދިނުމަށް އެއެޕްގައި ބެނާއެއް ފެންނަން ހުންނާނެ ކަމަށެވެ.

މެސެޖްކުރުމަށް ބޭނުންކުރާ ވަޓްސްއެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތު ކުރެވޭނެހެން އާ ޓާމްސް ނެރުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި މިއަޕްޑޭޓާއެކު ފޯން ނަމްބަރާއި ލޮކޭޝަން ހިމެނޭހެން އެޕް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު މައި ކުންފުނި ކަމަށްވާ ފޭސްބުކަށް ލިބުމުގެ ފުރުސަތު ފަހިވާނެ އެވެ.

މިސަބަބާ ހެދި ވަޓްސްއެޕަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެ މީހުންނާ ވާދަކުރާ ޓެލެގްރާމް އަދި ސިގްނަލް ފަދަ އެޕްތައް ބޭނުންކުރާ މީހުންގެ ނިސްބަތް ވަނީ އިތުރު ވެފަ އެވެ. އެހެންވުމުން ވަޓްސްއެޕްއިން ވަނީ އެ މީހުންގެ އާ ޕްރައިވެސީ ޕޮލިސީ ލޯންޗްކުރުން ފެބްރުއަރީ އިން މާޗަށް ލަސްކޮށް، އެ އަޕްޑޭޓާ ބެހޭ އިތުރު މައުލޫމާތު މީހުންނަށް އޮޅުންފިލުވައިދޭން މަސައްކަތްކޮށްފަ އެވެ.

ވަޓްސްއެޕްއިން ބުނިގޮތުގައި މި އަޕްޓޭޑްގައި ފޯކަސްކޮށްފައި ވަނީ ވިޔަފާރިއާ ބެހޭ މުއާމަލާތު ކުރެވޭނެ ޕްލެޓްފޯމަކަށް އެ އެޕް ހެދުމަށެވެ. ނަމަވެސް ޒާތީ މުއާމަލާތްތައް އެންޑް ޓު އެން އެންޑް ޑިސްކްރިޕްޓް ކުރެވިފައިވާނެ އެވެ.

އެންމެ ފަހުން ވަޓްސްއެޕުން ކުރި ބްލޮގް ޕޯސްޓްގައި ބުނީ، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުން ކުރިއަށް އޮތް ތަނުގައި އެ އެޕް ބޭނުންކުރުމަށް އެޕް އަޕްޑޭޓް ކުރުމަށް ހަނދާންކޮށްދޭން ފަށާނެ ކަމަށެވެ.