ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހިޔާ ފްލެޓް ސަރަޙައްދުގެ ޑަކްޓް ނެޓްވޯކް މަސައްކަތާއި އެތެރޭގެ ވަޔަރިން މަސައްކަތް ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތަކީ ހުޅުމާލޭ ފޭސް ދޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ތަފާތު ގިނަ ހިދުމަތްތަކެއް ގާއިމުކުރަން ކުރާ މަސައްކަތްތަކުގެ އަހައްމިއްޔަތު ކަމެއް ދީގެން ކުރި މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ ބިންގާ ކަމަށެވެ. މިގޮތުން، "އޯޕަން އެކްސެސް ނެޓްވޯކް" ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސަލާތީ ވިއުގައަކުން ގުޅާލަން މައިގަނޑު އެއް އިންފްރާސްޓްރަކްޗާ މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި އެ އިންފްރާސްޓްރަކްޗާގައި އެކުލެވޭ ފައިބާ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާއިރު، އެ މަޝްރޫއުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމު ކުރުވޭ އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާޞަލާތީ ޚިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންޤިލާބީ ހެޔޮ ބަދަލެއް އައިސް، މި ޚިދުމަތްތައް އައު ހަރުފަތްތަކަށް ހާޞިލުކޮށްދޭނެކަން މި ކޯޕަރޭޝަނުން ގަބޫލު ކުރަން. އަދި އާއްމުކޮށް ދެވޭ ޙިދުމަތްތައް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް މި ކޯޕަރޭޝަނާއި ޕީއެސްއެމް އަދި މީޑިއާނެޓް އާއި ދެމެދު ވަނީ ފަހުމްނާމާއެއްގައި ސޮއިކޮށްފައި،" އެޗްޑީސީން ބުންޏެވެ.