މާލޭގައި މިހާރު ބޭނުންކުރާ މަސް މާރުކޭޓު ވިރާނާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާތީ އާ މާރުކޭޓެއް ހަދަން ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ އެ ކައުންސިލުން ނިންމާފައި ވަނީ ކުރިން ވެސް ޕްލޭންކޮށްފައިވާ ގޮތަށް އާ މަސް މާރުކޭޓް މިހާރުގެ ލޯކަލް މާރުކޭޓު ހުރި ތަނުގައި އަޅާ ގޮތަށް ކަމަށެވެ.

"ކުރިން ވެސް ޕްލޭންކޮށްފައި އޮތީ ލޯކަލް މާރުކޭޓު ހުރި ތަނުގައި މަސް މާރުކޭޓު އަޅަން. އަދި މިހާރު މަސް މާރުކޭޓު ހުރި ތަންތަން ތަޅާލައި އެހެން އިމާރާތެއް އެޅެންދެން ޕާކިންއަށް ބޭނުންކުރާނީ،" މޭޔަރު ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މިހާރު މަސް މާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު 2023 އަށް ހަމަވާނެ ކަމަށެވެ. އަދި އޭގެ ކުރިން ވެސް އާ މަސް މާރުކޭޓު ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރި މާރުކޭޓު އެހެރީ ބޮލަށް ވެއްޓެން ކައިރިވެފައި. އެ ނޫން ތަނެއްގައި މާލޭގެ މަސް މާރުކޭޓު އަޅަން އެބަ ޖެހޭ. އެތަން ހަދާއިރު މިހާރު ލޯކަލް މާރުކޭޓުގައި ތިބި މީހުންނަށް ވެސް ވަންނާނެ ތަނެއް ދައްކަން ޖެހޭނެ،" ޝިފާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އާ މަސް މާރުކޭޓު ހަދަން 150 - 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެތަން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ވެސް ތަރައްގީކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ހެން ސަރުކާރަކުން ހަދާކަށް ނުޖެހޭ. އަމިއްލަ ބަޔަކާ ގުޅިގެން ވެސް އެކަން ކުރެވިދާނެ،" ޝިފާ ވިދާޅުވި އެވެ.