އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުނި ބޮއިންގެ 777 މަރުކާގެ ބޯޓުތައް ބޭނުން ނުކުރަން އެދިއްޖެ އެވެ.

ބޮއިން ކުންފުނިން މިހެން އެދިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ އިންޖީންގައި ރޯވި ހާދިސާއާ ގުޅިގެންނެވެ.

ބޮއިން ކުންފުނިން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގު ނިމެންދެން 128 ބޯޓު ގްރައުންޑް ކުރަން ވަނީ ނިންމާފަ އެވެ.

ޔުނައިޓް އެއާލައިންސް އާއި ޖަޕާނުގެ މައި ދެ އޮޕަރޭޓަރުން މިހާރު ވަނީ 777 މަރުކާގެ 56 ބޯޓު ބޭނުންކުރުން ހުއްޓާލާފަ އެވެ.

ހޮނިހިރު ދުވަހު 231 ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް 328 ގެ އިންޖީންގައި ރޯވެ، ފެއިލްވުމާއެކު އިމަޖެންސީގައި ވަނީ ޑެންވާގެ އެއާޕޯޓުގައި ޖައްސާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

"މި ހާދސާގެ ތަހުގީގު ކުރިއަށް ދާއިރު މިހާރު ސާވިސްގައި އޮތް 777 މަރުކާގެ، ޕްރެޓް އެންޑް ވައިޓްނީ 4000-112 އިންޖީނު އެޅި 69 ބޯޓާއި ސްޓޯރޭޖްގައި އޮތް 59 ބޯޓު ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލުން އެދެން،" ބޮއިން ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕްރެޓް އެންޑް ވައިޓްނީ އިން ވަނީ މި ހާދިސާ ތަހުގީގުކުރުމަށް ޓީމެއް އެކުލަވާލާފަ އެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ބުނިގޮތުގައި އެމެރިކާގެ އެއާލައިންތަކުގެ ތެރެއިން މިވައްތަރުގެ ބޯޓު ބޭނުންކުރަނީ ހަމައެކަނި ޔުނައިޓެޑް އެއާލައިން އެވެ. އެހެން ބޯޓުތައް ބޭނުންކުރަމުންދަނީ ޖަޕާނާއި ކޮރެއާގަ އެވެ.