ކާޑުގެ ބާވަތް ރީޓެއިލްކޮށް ވިއްކޭނެ އެންމެ މަތީ އަގު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނީ މުދާ ގަންނަ ފަަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހަނޑޫ ހަކުރު އަދި ފުށް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ކަމަށެވެ.

މިއުސޫލުގެ ދަށުން އާދައިގެ ހަނޑޫ ކިލޯއެއްގެ އެންމެ މަތީ އަގަކީ 4.80ރ. އެވެ. އަދި އާދައިގެ ހުދު ހަކުރު ކިލޯއެއްގެ އަގަކީ 4.82ރ. އިރު އާދައިގެ ފުށް ކިލޯއެއްގެ އަގަކީ 3.80ރ. އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ހަރަދުގެ ގޮތުގައި ކާޑުގެ ބާވަތްތަކުގެ އަގަށް އެންމެ ގިނަވެގެން އިތުރު ކުރެވޭނެ އަދަދު ވެސް ކަނޑައަޅާފަ އެވެ.

އެއީ ޒޯން 1 ގެ ރަށްތަކުގައި ކިލޯއަކަށް 1.02 ރ. އާއި ގްރޭޓަ މާލެ އޭރިއާ ފިޔަވައި ޒޯން 2 ގެ ރަށްތަކުގައި 0.82 ލާރި އަދި ޒޯން 3 ގެ ރަށްތަކުގައި 1.21ރ. އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް މިތަކެތި ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.