ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި، ރާއްޖެ އަންނަ ފުރަތަމަ ފެރީ ސޫތުކުޅި [ޓުޓިކޮރިން]ން ފުރައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ހދ. ކުޅުދުއްފުއްޓަށް ކަމަށެވެ.

ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ފެރީއަށް ރާއްޖެއަށް އާދެވޭނީ މިމަހުގެ 28ވަނަ ދުވަހު އެވެ. މި ބޯޓަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސްސީއައި)އިން އޮޕަރޭޓްކުރާ "އެމްސީޕީ" ކިޔާ ކާގޯ ފެރީއެކެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް މިއަދު މެންދުރު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ ދާއިރާގެ އިސް ފަރާތްތަކާއި އިންޑިއާގެ ޝިޕިން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންވި އެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެ ވަޑައިގަންނަވަނީ. ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކާގޯ ފެރީގައި 380 ކޮންޓެއިނަރުގެ މުދާ ގެނެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އިންޑިއާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ޚިދުމަތަކީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫއެއް ކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ އެ ފެރީ ބޯޓުގައި 20ފޫޓު ދިގު 8 ފޫޓު ފުޅާ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 3،000 ޓަނުގެ ބަލްކް ކާގޯ އެވެ. މި ކާގޯ ފެރީ ދަތުރުކުރަން ހަމަޖެހިފައި ވަނީ މަހަކު ދެފަހަރު އެވެ.

އެ މިނިސްޓްރީން ބުނީ އެ ބޯޓުގެ ކޮންމެ ދަތުރުތަކަށް 10 ނުވަތަ 12 ދުވަސް ހޭދަވާނެ ކަމަށެވެ. މި ފެރީ ބޯޓުން ފިނުކުރި މުދާ އުފުލޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ކާގޯފެރީ ޚިދުމަތް ފަށާއިރު އިންޑިއާ ސަރުކާރުން ސަބްސިޑައިޒްކޮށް، ތިން މިލިއަން ޑޮލަރު ޚަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.