ބޮޑެތި ވިޔަފާރިތަކަށް ކޮވިޑާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 526.2 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 17ގެ ނިޔަލަށް 371 ފަރާތަކަށް ލޯނުގެ ގޮތުގައި 526.2 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެއީ 7.5 މިލިއަން ޑޮލަރެވެ.

މި ލޯނުތައް ދޫކުރަނީ ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހަ ޕަސެންޓް އިންޓަރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއެކު އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 566 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 405 ފަރާތަކަށް ލޯނު ދޭން ނިންމާފައިވެ އެވެ. އަދި 18 ފަރާތެއް ރިޖެކްޓްކޮށްފައިވެ އެވެ. ނުވަ ފަރާތެއްގެ ލޯނު ދިނުމާމެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ސަރުކާރު މެދުވެރިގެން ބީއެމްއެލް އިން އަންނަނީ ލޯނު ދޫކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ ސްކީމްގެ ދަށުން، ރިސޯޓް ހިންގާ ފަރާތްތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވެ އެވެ.

އެ މިނިސްޓްރީން ތައާރަފްކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ ލޯންތަކަށް ކުރިމަތިލެވޭނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.