ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 18،50ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން އިގްތިސޯދު ހީނަރުވުމާއެކު ޑޮލަރުގެ އަގު 20ރ. އަށް އުފުލުމަށްފަހު ޑޮލަރުގެ އަގު 16،50 ރުފިޔާއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަސައްކަތުން ތިރިވި އެވެ. ނަމަވެސް އަލުން މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން އަނެއްކާ ވެސް ޑޮލަރުގެ އަގު ވަނީ މަތިވާން ވަނީ ފަށައިފަ އެވެ.

މަނީ އެކްސްޗޭންޖް ކައުންޓަރުންތަކުން މިހާރު ޑޮލަރު ވިއްކަނީ 18.50 އާއި 18.80ރ. އާ ދެމެދުގަ އެވެ. ޑޮލަރުގެ އަގު މަތިވެފައިވާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. ނަމަވެސް ޓޫރިސްޓުން އިތުރުވީ ނަމަވެސް ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު އަދަދެއް އަބަދުވެސް ބޭރު ވެގެންދެ އެވެ. އެހެންވުމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު ބޮޑުވުމުގެ މައްސަލަތައް އަބަދު ވެސް ބޮޑުވެ އެވެ. މިކަން ވެފައި ވަނީ ދިވެހިން ފަހަތުގައި ތިބެގެން ބިދޭސީން ހިންގާ ބޮޑު ވިޔަފާރި އަކަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ހަމައަކަށް އަޅުވައި ޑޮލަރު ލިބޭ މިންވަރު އިތުރު ކުރުމުގެ ގޮތުން އެމްއެމްއޭއިން މިދިޔަ އަހަރު 600 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ.