ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއާލައިންގެ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

ޔޫރަޕްގެ މުހިންމު މާކެޓެއް ކަމަށްވާ ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިއަދު އެވެ. އެޑެލްވެއިސްގެ ފުރަތަމަ ފްލައިޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހަވީރު އެވެ.

ސުވިޓްޒަލެންޑްގެ އިޑެލްވެއިސްއިން ފަސިންޖަރުން ބޯޓުން ފައިބައިގެން ދަނީ. ފޮޓޯ: އެމްއޭސީއެލް

ކޮވިޑް-19 އަށްފަހު އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލި އެވެ. އެޑެލްވެއިސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ. އަދި އެއާލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ރާއްޖެ އައުމަށް ބުކިން ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ސުވިޓްޒަލެންޑްގެ އިޑެލްވެއިސް އެއާލައިންގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

ސުވިޓްޒަލެންޑުން މިދިޔަ އަހަރު 33،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށި ނުވަ ވަނަ އެއާލައިނެވެ.