ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުގެ ޚިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައި އެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފްސީލު ބަލާލައި، ބިލް ދައްކާ، އަދި ދިރާގުގެ އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައިކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދައްކާލާ، އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ޕްރީޕެއިޑް ނަންބަރުތައް ޓޮޕް-އަޕްކުރުން ފަދަ ގިނަ ކަންތައްތައް ދިރާގު މޮބައިލް އެޕުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓާ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެހެނިހެން ކަސްޓަމާ ކެއާގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ، ވައިބާ ނުވަތަ ވަޓްސްއެޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސް ކުރެ އެވެ.

"ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ. ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބެން ޖެހުނަސް ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ." ދިރާގުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.