ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުން މިއަދު ހުޅުވާލައިފި އެވެ.

މި ފައިނޭންސިން ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންއެކެވެ.

ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން ހާއްސަކުރެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އަހަރަކަށް %7 ގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި، ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ އެވެ. މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފަ އެވެ.

ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިފަދަ ފައިނޭންސިން ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިން މެދުވެރިކޮށް ހޯދައި ދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފަ އެވެ.