ބޭންކް އޮފް މޯލްޑިވްސްއިން "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށްވެސް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެއިތުރުން، ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.

