ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނެ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިން ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފި އެވެ.
ފައިނޭންސިން ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ފައިނޭންސް ދޫކުރާ،އެސެޓް ފައިނޭންސިން، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން އަދި ވެސެލް ފައިނޭންސިން އެވެ. ކުރިން 5 މިލިއަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހި ކުރުމުގެ ގޮތުންނެވެ.
- އެސެޓް ފައިނޭންސިން- ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް
- ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން- 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރުދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް
- ވެސެލް ފައިނޭންސިން- މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް (މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ފައިނޭންސް ކޮށްދޭ)
ރާއްޖޭގެ ހަރަކާތްތެރިވާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާ އިރު، އެ ވިޔަފާރީގެ ބޭނުންތަކަށް އެކަށޭނެ މިންވަރަށް ފައިނޭންސިން ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރެކެވެ.
މިބަދަލާއި ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރި އެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.
"އެހެން ކަމުން މި ބަދަލަކީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއް ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަން. އެސްއެމްއީ ޑިޖިޓަލް އިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއް ގޮތުގައި." އޭނާ ވިދާޅުވި އެވެ.
މި ފައިނޭންސިން ފުރުސަތުތަކަށް އެދުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެ އެވެ.

