ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއާއި ހުޅުލޭގެ ބިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ރަހުނުކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 56 މިލިއަން ޑޮލަރުގެ އާ ލޯނުތަކެއް ނަގާފައިވާ ކަން އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ "ވާކިން ކެޕިޓަލް" ގެ ގޮތުގައި ބީއެމްއެލްއިން ހަތަރު ލޯނެއް ނަގާފަ އެވެ. މީގެ ތެރޭގައި މެއި މަހު ނެގި 30 މިލިއަން ޑޮލަރާއި، އޮގަސްޓު މަހު ނެގި 10 މިލިއަން ޑޮލަރާއި، އޮކްޓޫބަރު މަހު ނެގި 10 މިލިއަން ޑޮލަރުގެ އިތުރުން ނޮވެމްބަރު މަހު ނެގި 6 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީގެ ތެރެއިން ފުރަތަމަ ލޯނު ނަގާފައިވަނީ ހުޅުލޭގެ ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށްގެންނެވެ. އަނެއް ތިން ލޯނު ނަގާފައިވަނީ 1 ފެބްރުއަރީ 2024 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަންގެ ލީސްހޯލްޑް ހައްގުތައް ބޭންކަށް ރަހުނުކޮށްގެންނެވެ.
ރަންވޭ ރަހުނުކޮށްގެން ނެގި ފަހު ތިން ލޯނަކީ 5 އަހަރުގެ މުއްދަތަށް ނެގި ނަމަވެސް ބޭންކުން ބޭނުންވެއްޖެ ހިނދެއްގައި އެއްކޮށް އަނބުރާ ހޯދޭ ގޮތަށް ހުރި ޑިމާންޑު ލޯނުތަކެކެވެ. މި އާ ލޯނުތަކާއެކު އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަން ޖެހޭ ޑޮލަރު ދަރަނި ވަނީ 92 ޕަސެންޓު އިތުރުވެ، 112 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރަކީ މިހާރުގެ ސަރުކާރުގެ ދައުރު ފެށުނު ފަހުން ނަގާފައިވާ ލޯނުތަކެވެ.
ބީއެމްއެލްއިން ނެގި 56 މިލިއަން ޑޮލަރުގެ އިތުރުން، އެމްއޭސީއެލްއިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް 15 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. މި ލޯނު ނަގާފައިވަނީ އެ ކުންފުނިން ގަނެފައިވާ ސަރުކާރުގެ ބޮންޑުތަކެއް ރަހުނުކޮށްގެންނެވެ.
މި ބޮޑެތި ލޯނުތަކާއެކު އެމްއޭސީއެލްގެ މާލީ ހާލަތު މިހާރު ވަނީ އިންތިހާއަށް ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި 16.6 ބިލިއަން ރުފިޔާ (1.08 ބިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، އޭގެ 97 ޕަސެންޓަކީ ޑޮލަރުން ދައްކަން ޖެހޭ ދަރަންޏެވެ.
މީގެ ތެރެއިން 1.46 ބިލިއަން ރުފިޔާގެ ދަރަނި މި އަހަރު އެ ކުންފުނިން ދައްކަން ޖެހެ އެވެ. އަދި އިންޓްރެސްޓުގެ ގޮތުގައި އިތުރު 693.3 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ދަރަނި ދެއްކުމަށާއި ދަރަނީގެ ހިދުމަތުގެ ހަރަދު ހިމެނޭހެން އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އެމްއޭސީއެލްއަށް ބޭނުންވެ އެވެ. ނަމަވެސް އެ ކުންފުނީގެ އަތުގައި ހުރި ޑޮލަރު ފައިސާގެ ނަގުދަކީ 13.5 މިލިއަން ޑޮލަރެވެ. ކުންފުނި ހިންގުމުގައި ކުރިއަށް ދެވޭނީ ހަމައެކަނި ސަރުކާރުގެ އެހީތެރިކަން އޮވެގެން ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގިނަ އަދަދަކަށް ޑޮލަރު ލިބޭ އަދި މުވައްޒަފުންގެ މުސާރައިގެ އެއް ބައި ވެސް ޑޮލަރުން ދެމުން އަންނަ އެމްއޭސީއެލްއިން ބޮޑު އިންޓްރެސްޓުގައި ޑޮލަރު ލޯނު ނަގަން ޖެހުނު ސަބަބާމެދު މާލީ ދާއިރާގެ މަސްރަހުގައި ވަނީ ސުވާލު އުފެދިފަ އެވެ.

