އިންޓަނެޓްގެ އަގު ހެޔޮކޮށް، އާ އަގުތައް މާދަމާ އިއުލާނު އިއުލާނު ކުރާނެ ގޮތަށް ހަމަޖެހިއްޖެ އެެވެ.

"ހުރިހާ"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، އަގުތައް އިއުލާނު ކުރާނީ މާދަމާ ކަމަށެވެ. އަދި ސަރުކާރުން އިންޓަނެޓްގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5ރ. އަށް ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 ޕަސެންޓު ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

މީގެ އިތުރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ. އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މިހާރު ރާއްޖޭގެ މޮބައިލް އޮޕަރޭޓަރުންނަށް އެކި ރަށްރަށުން ޓަވަރު ޖެހުން ފަދަ ކަންކަމަށް ބިން ދޫކޮށްފައިވަނީ އެކި އަގު ތަކުގަ އެވެ.