ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރު ( 732.4 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީ އެވެ.

މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެއް ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިން ފަސް ބިލިއަން ޖަޕަނީސް ޔެން ގެ ލޯން އެހީ ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފަ އެވެ.