ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 65 ޕަސެންޓް މީހުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 95 ޕަސެންޓް މުވައްޒަފުން މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު 65 ޕަސެންޓް މުވައްޒަފުން ދެވަނަ ޑޯޒް ވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވުމާއެކު ރާއްޖެ ވަނީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލަކަށްވެފައި ކަމަށާއި ވެކްސިން ޖަހަން ފެށުމުގެ ކުރިން ވެސް ދުނިޔޭގެ ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދެމުން އަންނަ "ސޭފްޓީ ސްޓޭމްޕް" ރާއްޖެއަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުޅި ރާއްޖެއިން މިހާތަނަށް 309،022 މީހަކު ވަނީ ވެކްސިން ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވަނީ 164،013 މީހުންނެވެ.