ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރަން ހުޅުވައިލައި، އަގުހެޔޮކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތަށް ރިޔާއަތް ކުރުމަށް ފަހު އިންވެސްޓަރުންނަށް ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އެންމެ ފަހުން އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން މިމަހުގެ 10 ވަނަ ދުވަހަށް ހަމަވާ ސުންގަޑި މިހާރު މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެމިނިސްޓްރީއިން ބުނެ އެވެ. އަދި ބީލަން ފޮތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެ އެވެ.

ރިސޯޓް ތަރައްގީކުރުމަށް މިދިޔަ އޭފްރީލް މަހުގެ 8 ވަނަ ދުވަހު ހުޅުވާލީ 23 ރަށެއް 16 ފަރާތަކަށް ދިނުމަށެވެ.

ޓޫޫރިޒަމް މިނިސްޓްރީން ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށް މި ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓްވެސް ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން ފަތުރުވެރިކަން މިރަށްތަކުގެ އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިރަށްތަކާއި ގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން މިދިޔަ އޭޕްރީލްމަހުގެ ފަހު ހަފްތާތެރޭ ބާއްވާފައިވާއިރު، އިންވެސްޓަރުންގެ ބޮޑު ތަރުޙީބެއް މި ބައްދަލުވުމަށް ލިބިގެންދިޔަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން މި ބައްދަލުވުމަށް 97 ފަރާތަކުން ބައިވެރިވެފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރިސޯޓު ހަދަން ހުޅުވާލި ރަށްތަކާއި އަގުތައް:

  • ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  • ހއ. އަލިދުއްފަރު ފިނޮޅު - 350،000 ޑޮލަރު
  • ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  • މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  • މ. މާއުސްފުށި – 1،575،000 ޑޮލަރު
  • ތ. ކާއްޑޫ – 70،000 ޑޮލަރު
  • ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1،050،000 ޑޮލަރު
  • ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  • ލ. ކަށިދޫ – 700،000 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  • ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  • ގއ. މާރެހާ – 1،400،000 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  • ގދ. ކަނޑަހަލަގަލާ – 875،000 ޑޮލަރު
  • ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  • ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު – 700،000 ޑޮލަރު

މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ބޭރުގެ އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުންނަށް ވެސް ހުޅުވާލާފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ބުނަނީ މި އަހަރަކީ ގިނަ އަދަދަކަށް ޓޫރިޒަމްގެ އިންވެސްޓްމެންޓް ލިބޭނެ އަހަރެއް ކަމަށެވެ.