ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރު ކޮށްދޭން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ/ ރެސްޓޯރަންޓްތައް ވަނީ ބަންދު ކޮށްފަ އެވެ.

މިނިސްޓަރު ފައްޔާޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވީ، ރައްޔިިތުންގެ މަޖިލީހުން ކެފޭތަކަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެ ކަމަށް ނިންމާފައިވާ ވަގުތެއްގަ އެވެ.

ފައްޔާޒު މިއަދު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކަށް ހާއްސަ ކުރާ ސްޓިމިއުލަސް ޕެކޭޖްގެ ތެރެއިން ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ އާއި ރެސްޓޯރަންޓްތަކާއި އެ ގިންތިއަށް ފެތޭ އެހެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެސްއެމްއީއަށް ހާއްސަަކޮށްގެން ޕެކޭޖެއް ތައާރަފުކުރުން ލަސްވަނީ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަަތަމަ ކޮވިޑް ކޭސްތައް މިދިޔަ އަހަރުގެ ތެރޭގައި ފެނުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން ވެސް ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ، ރެސްޓޯރަންޓްތައް ބަންދުކުރި އެވެ. އޭރުވެސް އެފަދަ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި ބައެއް ވިޔަފާރީތައް ވަނީ ހުއްޓާލާފަ އެެވެ.

އޭރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށް ބައެއް ވިޔަފާރިތަކަށް އެހީތެރިވެ ދީފަ އެވެ.

ފިނޭންސް މިނިސްޓްރީ އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ބޭންކުން މިހާތަނަށް ވަނީ 360 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ