ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ބެލެނިވެރިޔަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑެ ޓްރެޜަރީއެވެ. މިނިސްޓްރީގެ ފަރާތުން ކުންފުނިތަކުގެ ކަންކަން މޮނީޓަރކޮށް ސަރުކާރުގެ ޕޮލިސީތަކުގެ އިރުޝާދު ދޭފަރާތަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ).އެވެ. ދައުލަތުގެ ކުންފުނިތަށް ހުންނަނީ އެކި ގްރޭޑްތަކަށް ބެހިފައެވެ. މުސާރައާއި އިނާޔަތްތަށް ކަނޑައެޅިފައި އޮންނަނީ އެކުންފުންޏެއްގެ ޕާރފޯރމަންސްއަށް ބިނާވެގެންނެވެ. ކުންފުނިތައް ހިންގުމުގައި ޕީ.ސީ.ބީން ލާޒިމުކުރާ އުސޫލުތަކެއް ހުރެއެވެ. އެހެންނަމަވެސް އެކުންފުންޏެއްގެ ހިންގުމުގެ އަޞްލު ބިނާވެފައި އޮންނަނީ ކުންފުނި އުފަންކުރުވި އަސްލު އަސާސްގެ މައްޗަށެވެ. އެކި ކުންފުނިތަށް އުފައްދަނީ އެކި ބޭނުންތަކަށެވެ. އެހެންކަމުން ހިންގުމުގެ ގިނަކަންތައްތައް ބައްޓަންވެފައި އޮންނަނީ އެ ކުންފުނި އުފަންކުރުވި ބޭނުމާއި މަގުޞަދުގެ މައްޗަށެވެ. އަދި މެނޭޖްކުރުމުގެ އޮނިގަނޑު އެކުލަވާލާފައި އޮންނަނީ މި ދެންނެވި ވިސްނުމުގައެވެ.

ދައުލަތުގެ ގިނަ ކުންފުނިތައް އުފައްދާފައި ހުންނަނީ އެކުންފުންޏަށް ވިޔަފާރި ފައިދާ ލިބޭގޮތަށް މަސައްކަތް ޔަޤީންކޮށްދީފައެވެ. މިސާލަކަށް ސްޓެލްކޯ، އެއާރޕޯރޓް ކޮމްޕެނީ، ޕޯރޓްސް ކުންފުނި، އެމް.ޓީ.ސީ.ސީ، އެމް.ޑަބްލިޔު.އެސް.ސީ ފަދަ ކުންފުނިތަކަކީ ގާތްގަނޑަކަށް މޮނޮޕޮލީއެއްގައި މަސައްކަތްކުރަމުންދާ ކުންފުނިތަކެވެ. އެހެންކަމުން އެ ކުންފުނިތަކުން ފައިދާ ނެރެން ފަސޭހަވެއެވެ. އެހެންކަމުން މެނޭޖްމަންޓް ބަދަލުވުމަކުން ކުންފުނީގެ އަހަރީ ހިސާބުގެ ދެ ރޮނގު ދަމާލާ އިރު ބަދަލެއް ނާދެއެވެ.

ވޭތުވެދިޔަ 15 އަހަރުތެރޭގައި އަޅުގަނޑުމެނަށް ފެންނަން އޮތީ ކުންފުނިތަކުގެ މެނޭޖްމަންޓް ކޮންމެ ސަރުކާރެއްގައި ވެސް 1 ފަހަރަށްވުރެ ގިނަފަހަރު ބަދަލުކޮށްފައިވާތަނެވެ. އެހެންކަމުން އެއްވެސް މެނޭޖްމަންޓްއަކަށް ކުންފުނީގެ އޮނިގަނޑާއި ސަގާފަތް މަޢުނަވީ ގޮތަކަށް ބަދަލުކުރުމުގެ ފުރުޞަތު ނުލިބިއެވެ. އަދި މައިގަނޑު އަސާސްތައް ބަދަލުކުރާނެ ފުރުޞަތެއް ވެސް ނުލިބިއެވެ. އެގޮތުން ކޮންމެ މެނޭޖްމަންޓްއެއް ވެސް ޖެހޭނީ ކުރިން އެ ކުންފުނި ހިންގާފައިވާ އަސާސްގެ މަތީހިންގާށެވެ. ސަބަބަކީ ކުންފުނީގައި ހުރި ވަސީލަތްތައް އަލަށް ޙަވަލުވާ މެނޭޖްމަންޓަށް ރަނގަޅަށް ދަސްވާއިރު އެ މެނޭޖްމަންޓްއެއް އޮންނަނީ ބަދަލުވާންޖެހިފައެވެ. އީޖާބީ ވިސްނުމަކުން ވިސްނައިގެން އިތުރު ވިސްނުމެއް ތަޢާރަފް ކުރާނެ ޖާގައެއް ވެސް ނުލިބިއެވެ. މިސާލަކަށް ދަންނަވަންޏާ ދެންނެވޭނީ ގިނަ ކުންފުނިތަކާމެދު ކަންކަން ހިނގަނީ ފުޓްބޯޅަ ޓީމްގެ ކޯޗު ބަދަލުވާ އުޞޫލުންކަމުގައެވެ. އެހެނީ، ފުޓްބޯޅަ ޓީމްގެ ކޯޗް ބަދަލުވުމަކުން އަނެއް ދުވަހު ޓީމްގެ ފެންވަރު މަތިވެ، ނޫނީ ދަށެއްވެސް ނުވެއެވެ. އެހެންނަމަވެސް އެ ކޯޗުގެ ޕާރފޯމެންސް އިނގޭނީ ގާތްގަނޑަކަށް އަށެއްކަ މަސް ފަހުންނެވެ. ކުންފުންޏެއްގައި ވެސް ވާނީ މިހެންނެވެ. މި އުޞޫލަށް ރިއާޔަތްކޮށް ވިސްނާލާއިރު ކުންފުންޏަކާއި އަލަށް ޙަވާލުވާ މެނޭޖްމަންޓްގެ ފެންވަރު ދެނެގަނެވޭނީ ވެސް އެންމެ ކުޑަމިނުން އަށެއްކަ މަސް ފަހުން ހިންގަން އެ ފުރުޞަތު ލިބިގެންނެވެ.

ކުންފުނި ހިންގުމަށް މަތި ވަނީ ޓީމްއަކާއެވެ. މިގޮތުން އެކުލަވާލެވޭ ޓީމްއަކީ ސިޔާސީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ޓީމްއެކެވެ. ޒަމާނުންސުރެ ކުންފުނިތަކުގެ ބޯޑުތަށް އެކުލެވިފައި ހުންނަނީ މިގޮތަށެވެ. އެހެން ކަމުން ސަރުކާރު އެކުލެވިފައިވާ ހުރިހާ ކުލަތަކެއް ކުންފުނި ހިންގާ ޓީމްގައި ވެސް ޖެހިފައި ހުރެއެވެ. އަދި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާއަށް އަހުލުވެރިވެފައި ހުންނަ މިންވަރުވެސް ތަފާތެވެ. އެހެންކަމުން ކުންފުނި ހިންގުމުގައި ބޯޑުގެ ތަޖުރިބާއާއި ފެންވަރުގެ ކުޅޭ ދައުރެއް އޮވެއެވެ.

ދައުލަތު ކުންފުނި ހިންގުމުގެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަނީ ފައިދާ ނުވާ ކުންފުނިތަކަށެވެ. އެހެންކަމުން އެކުންފުނިތައް އުފެއްދި ސަބަބު އަލުން ޒިޔާރަތްކޮށް މުރާޖާކުރަން އެބަޖެހެއެވެ. ސަބަބަކީ ބައެއް ކުންފުނިތައް ހުރީ ޒަމާނުއްސުރެ އެކުލަވާލެވިފައިވާ މާލީ އަދި ހިންގުމުގެ އޮނިގަޑެއްގައި ގައިދުވެފައެވެ. މިހައްޔަރުން މިކުންފުނިތަށް ނެރޭނެ ގޮތެއް މިވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.

ބައެއް ކުންފުނިތަަކަށް ސަރުކާރުން މިފޯރިކޮށްދެނީ މުސާރައެވެ. އެކުންފުންޏަށް ދައުލަތުން މަތިކޮށްފައިވާ މަސައްކަތް ކުރަން މިޖެހެނީ ހޯދައި އާމްދަނީއިންނެވެ. އަދި ލިބޭ އާމްދަނީން ކުރާ މަސައްކަތާއި ދެވޭ ހިދްމަތް މިހުންނަނީ އަގު ނުކުރެވިއެވެ. މިސަބަބާ ހުރެ ކުންފުނިތަކުގެ ދަރަނިމިދަނީ ބޮޑުވަމުންނެވެ.

ކުރުގޮތަކަށް ދަންނަވަނީނަމަ ސަރުކާރަށްކޮށްދޭ މަސައްކަތަށް އިންވޮއިސްކުރުމާއި އެމަސައްކަތަށް ފައިސާ ހޯދުމުގެ މަރުހަލާ ހިންގަމުން ނުދެއެވެ. އެހެންކަމުން ކުންފުނިތަށް ހިސާބު ކުރެވޭއިރު ފާހަގަ ނުކުރެވޭ ބާގަނޑެއް އެބައޮވެއެވެ.

Editors Note

އަލީ ޚާލިދަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުރުން މިފްކޯގައި އިސް މަގާމެއް އަދާކުރި އަލީ ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމާއި ގުޅިގެން އަލަށް މާކެޓަށް ނުކުތް ވަތަނިއްޔާގެ ސްލޭސް ޑިޕާޓްމަންޓް ގާއިމުކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާ މަތީ ތައުލީމް ހާސިލުކުރީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލި އާއި މެލޭޝިއާ އިންނެވެ.