މި އަހަރުގެ 21 ވަނަ ހަފްތާ އާ ހަމައަށް ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފީނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 7.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީ އަށް 1.6 ބިލިއަން ރުފިޔާ ލިބުނެވެ.

ތަފާސްހިސާބު ދައްކާގޮތުން ޓެކްސް އާމްދަނީގެ ތެރެއިން މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ އަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ލިބުނު ޓެކުހެވެ. އާންމު ހިދުމަތްތަކާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 976 މިލިއަން ރުފިޔާ ލިބުނެވެ.

ބިޒްނަސް ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ގްރީން ޓެކުހުގެ ގޮތުގައި 340 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 171 މިލިއަން ރުފިޔާ ވަނީ މިއަހަރު ލިބިފަ އެވެ. ރިސޯޓު ކުލީގެ ގޮތުގައި 623 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި 109 މިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނުކަންވެސް ތަފާސްހިސާބުން އެގެ އެވެ.

ތަފާސްހިސާބުތަކުން އެގޭގޮތުގައި އަހަރުގެ އެހާތަނަށް، ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ އަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާއިރު ލޯނު ދެއްކުމަށް 429.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުންދޭ އިނާޔަތްތައް ދިނުމަށް 4.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.