މަސްވެރިން އާދަޔާ ޚިލާފަށް ރަނގަޅުވެފައި ވަނިކޮށް، ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފި އެވެ.

އެންމެ ގިނަ ގިނަ އަދަދަކަށް މަސް ގަންނަ އަމިއްލަ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ގަންނާނީ ދޯންޏަކުން ފަސްޓަނުގެ މަސް ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ލ. މާންދޫގައި މަސް ރައްކާކުރުމަށް ދަތިވެފައިވާ ކަމަށާއި، ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މަސް ބަރުކުރާ ބޭރުގެ ބޯޓެއް މިމަހު ތެރޭގައި މާންދުއަށް އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެދު ރާއްޖެތެރެއާއި އުތުރަށް މަސްވެރިކަން ރަނގަޅުވެ ފެލިވަރުގައި ވެސް ވަނީ މަސްކިރުވުމަށް ދަތިވެފަ އެވެ. މިފްކޯއިން ވަނީ ގިނައިން މަސް ބޭނިއްޖެނަމަ ފެލިވަރަށް ނުގޮސް ކޫއްޑޫއަށް ދިއުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

ހޮރައިޒަން އަކީ މަޝްހޫރު ވިޔަފާރިވެރިވާ ގާސިމް އިބްރާހިމްގެ ކުންފުންޏެކެވެ.

މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، މިފްކޯއަށް މިދިޔަ ބުރާސްފަތި ދުވަހު 86 ދޯންޏަކުން 347.7 ޓަނުގެ މަސް ކިރާފައިވެ އެވެ.