ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ހެދުމުގެ ދައުވަތު ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތަކަށް ދައުވަތު ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ދެއްވައިފި އެވެ.

ޖަޕާނުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ސަބްމެރިން ކޭބަލްތަކުގެ ޑައިވަސިޓީ އިތުރުކުރުމަށް މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކަނޑުގެ މަގަށް ބަލާ ނަމަ ރާއްޖެ އޮތީ އެންމެ މުހިއްމު އެއް ޝިޕިން ރޫޓްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރި ގޮތުން ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރެންޓުތައް ހުރި ގައުމަކަށް ވެފައި ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓެކްނޮލޮޖީ އާއި އިންޓަނެޓުން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވީ ނަމަވެސް މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވޭ. އެހެންކަމުން ޑިޖިޓަލް ޑިވެލޮޕްމަންޓްގައި ސޯޝަލް ސައިންސްގެ ދައުރު އިތުރަށް ފުޅާ ކުރަންޖެހިފައިވޭ. މިގޮތުން ޖަޕާނުގެ އިސްނެގުމެއްކަމުގައިވާ ސޮސައިޓީ 5.0 އަކީ މިނިސްޓަ ތަރުހީބުދޭ ސޯޝަލް މޮޑެލް އެއް،" މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް19ގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ހާލަތަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައިވީ ނަމަވެސް ރާއްޖެއަށް ބަލައިފިނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަ ކަމަށެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ މި ކުދި ޖަޒިރާ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު ތަކެތިކަން މަލީހު ފާހަގަކުރެއްވި އެވެ.

ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ، އެސްޓީއެސް ފޯރަމަކީ ކޯވިޑް-19ގެ މި ހާލަތުގައި ސައިންސާއި ޓެކްނޮލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ސައިންސް އެންޑް ޓެކްނޮލޮޖީ އިނޯ ޝިންޖީގެ އިތުރުން 49 ގައުމެއްގެ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެސް.ޓީ.އެސް ފޯރަމް އުފެދިގެންދިޔައީ ނޮވެންބަރު 2004ވަނަ އަހަރު އެވެ. 2004ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖަޕާނުގެ ކިޔޯޓޯގައި އެސްޓީއެސް ފޯރަމް އަންނަނީ ބާއްވަމުންނެވެ. މި ފޯރަމަކީ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދާއިރާއަށް ހުރި ގޮންޖެހުންތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ލީޑަރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.