އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް، ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ޖަމާކުރެވޭނެ ގޮތް އުރީދޫއިން ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ތައާރަފްކުރީ ކޮވިޑާ ގުޅިގެން ގިނަ ބަޔަކު ގޭގައި މަޑުކުރަންޖެހިފައިވާއިރު، ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ގޮތްތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން އެ ކަސްޓަމަރަކު ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެ އެވެ.

ޑޭޓާ ރޯލްއޯވަގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސްއާއެކު އާ ދެ ޕްލޭން ވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޕްލޭންތައް ގަންނަ ފަރާތްތަކަށް ހާއްސަ އޮފައެއްގެ ދަށުން 20 ޕަސެންޓް އިތުރު ބޯނަސް ޑޭޓާ ވެސް ލިބި އެވެ.