ރާއްޖެ އާއި ޕޮލެންޑާއި ދެމެދު ޗާޓަރު ދަތުރުތައް ބުލޫ ޕެނޮރާމާގެ "ލޫކް އެއާ"އިން ފަށައިފި އެވެ.

އިޓަލީގެ އެއާލައިނެއް ކަމަށްވާ ލޫކް އެއާގެ ޗާޓަރު ދަތުރުތައް އިއްޔެ ރާއްޖެ އާއި ޕޮލެންޑާ ދެމެދު ވަނީ ފަށާފަ އެވެ.

އެ އެއާލައިންގެ ދަތުރުތައް ފަށާފައި މިވަނީ އިޓާކާ އާއި ސަން އޯޝަން މޯލްޑިވްސް ގުޅިގެންނެވެ.

އިއްޔެ ރާއްޖެއަށް އައި ފްލައިޓްގައި 297 ފަތުރުވެރިން އަ އެވެ.

ލޫކް އެއާއިން ބުނީ ހަފްތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މިޗާޓަރު ދަތުރުތައް އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ކުރުމަށް ހަމަަޖެހިފައިވާ ކަމަށެވެ.

ޕޮލެންޑާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އޭ 330 މަރުކާގެ ބޯޓުތަކެވެ.

ލޫކް އެއާއިން ވަނީ މީގެ ކުރިން ވެސް ރާއްޖެއާއި ޕޮލެންޑާ ދެމެދު ޗާޓަރު ދަތުރުތައް ބާއްވާފަ އެވެ.

ޕޮލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ އިޓާކާ އާއި ވިޒިޓް މޯލްޑިވްސް އަދި ސަން އޯޝަން ގުޅިގެން ވަނީ ޕޮލެންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް ކެމްޕެއިނެއް ވެސް ފަށާފަ އެވެ.

މި ކެމްޕެއިންގެ މަގްސަދަކީ ޕޮލެންޑުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ފަތުރުވެރިންނަށް ރާއްޖެއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.