މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު އިތުރުކޮށްފިއެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަނެއްކާވެސް އިތުރުކުރީ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށެވެ. މިއަދު އިތުރުކުރި މިންވަރަށް މި އަހަރު ނިމެންދެން ޑޮލަރު ދޫކުރަން އެމްއެމްއޭ އިން ވަނީ ނިންމާފައެވެ.

ނަމަވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު އިތުރުކުރި ވަރެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑް19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަނދަވަޅުން ސަލާމަތްވުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަމުންދާ ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހެދި ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު އަލުން މިދިޔަ ޖުލައި މަހު ފެށިފަހުން ދުވަހެއް ދުވަހަކަށް ޓޫރިސްޓުން އަންނަ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ބޯޑަރު އަލުން ހުޅުވައިލި ފަހުން ރާއްޖެ އަށް 18،900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.