ދިގު އިންތިޒާރަކަށް ފަހު އެންމެ ފަހުން އާ އައިފޯނު ނެރުމަށް ހަމަޖެހިފައިވާ ހަފްލާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އޮންނާނެކަން އެޕަލް އިން އިއުލާނުކޮށްފި އެވެ.

މި ހަފްލާގެ ދައުވަތުގައި ފޭނުން ދަހިކޮށްލަން ބޭނުންކޮށްފައިވާ ބަސްކޮޅަކީ "ހައި ސްޕީޑް" އެވެ. މިއީ މިފަހަރު ނެރޭ ފޯނަކީ 5 ޖީ ސަޕޯޓްކުރާ ފޯނަކަށްވުމުގެ އާލާމާތަކަށް ވެސް ވެދާނެ އެވެ.

މި އަހަރުގެ އައިފޯނު ނެރުން ލަސްވެގެން ދިއުމަކީ ހައިރާންވާން ވީ ވަރުގެ ކަމެއް ނޫނެވެ. ކޮވިޑް-19 އާއި ގުޅިގެން އެޕަލްއިން ވަނީ އާންމުކޮށް އާ ފޯނުތައް ނެރޭ ސެޕްޓެމްބަރު މަހުގައި މިއަހަރު ފޯނު ނުނެރެވޭނެ ކަން ޖުލައި މަހުގެ ތެރޭގައި އިއުލާނުކޮށްފަ އެވެ. އެގޮތުން "ޓައިމް ފްލައިސް"ގެ ނަމުގައި ސެޕްޓެމްބަރު އެޕަލްއިން ކުރިއަށް ގެންދިޔަ ހަފްލާގައި ދައްކާލާފައި ވަނީ އާ އެޕަލް ވޮޗާއި އައިޕެޑެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާ އައިފޯނުގެ ކަން މިފަހަރު ވަށްކޮށް ހުރުމުގެ ބަދަލުގައި ހުންނާނީ ހަތަރެސްކަނަށް ވާ ގޮތަށެވެ. އަދި މި ފޯނުގެ ހަތަރު މޮޑެލްއެއް ނެރުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން 5.4 އިންޗި (އައިފޯން 11 ޕްރޯއަށް ވުރެ ކުޑަ) އަދި 6.7 އިންޗީގެ މޮޑެލްއެއްވެސް ހިމެނެ އެވެ. 6.7 އިންޗިގެ ފޯނު ވެގެންދާނީ މިހާތަނަށް އެޕަލްއިން އުފެއްދި އެންމެ ބޮޑު ފޯނަށެވެ.