ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާނެ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިއަދު ވިދާޅުވީ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޑަކްޓް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ވަށައި ޖައްސަން ފަށާ މުހިންމު މަސައްކަތަކަށް ކަމަށެވެ. އަދި އެކަން ފެށުމަށްޓަކައި ރަށްތައް ފާހަގަ ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ރަށްތައް މިނިސްޓްރީން އަދި ހާމަކުރާނީ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް ބޭނުންވާ އެންމެ މުހިންމު ކަންތައް ވެސް ނިމިފައިވާ ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، ރެސިޑެންސީ ވިސާ ލިބޭ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ޓޫރިޒަމަށް އިންވެސްޓް ކޮށްގެން ތިބި މީހުން ތިބީ ރިއަލް އެސްޓޭޓް ޓުރިޒަމް ކުރިއަށް ގެންދިޔުމަށް ތައްޔާރަށް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޑަކްޓްތައް ވެސް ހިމެނޭނީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ތެރޭގައި ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ. ޓޫރިޒަމް ގާނޫނަށް އިސްލާހު ތަކެއް ގެނެސްގެން ރާއްޖެއަށް ތައާރަފުކުރާ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ސަބަބުން އިންޓެގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ދޫކުރެވޭނެ އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ، ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތަކެއް އިއުލާނު ކުރަން ތައްޔާރުވާއިރު، ހއ. އަތޮޅު ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.