މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމަށް ނިންމިއިރު، މީހުން ދިރިއުޅޭ ރަށްތަކަށް ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ޓޫރިސްޓުން އެރުން މަނާކޮށްފައި އޮތް އުސޫލުން މާލެ ސިޓީ އިސްތިސްނާ ކޮށްފި އެވެ

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމެއްގައި ވަނީ، އެ އިދާރާއިން ވަކިގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކިން ނުވެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި ޓޫރިސްޓުން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށެވެ.

އެ ގައުމުތަކުގެ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި ޖުލައި 30 ވަނަ ދުވަހުގެ ކުރިން އިއުލާން ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރީ އިންޑިއާގައި ހަލުއިކަމާއެކު ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ފެތުރި އެތައް ބަޔަކު މަރުވާން ފެށުމުން މިދިޔަ މެއި މަހު އެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރިއިރު އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓް އޮތީ ރާއްޖެ އަށް ފެތުރި އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވެފަ އެވެ. އެކަމާ ގުޅިގެން ދެކުނު އޭޝިއާ މީހުންނަށް ބޯޑަރު ބަންދުކުރި ފަހުން ވެސް ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެތައް ބަޔަކު މަރުވި އެވެ.