މާލޭގެ އެކި ސަރަހައްދުތަކުން ދޫކުރުމަށް ނިންމާފައިވާ ޕާކިން ޖާގަތަކާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 އިތުރު ކުރިއިރު ޕާކިން ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް އިތުރު ކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މުއްދަތު އިތުރުކުރީ އީދު ބަންދާއި، މިނިވަން ދުވަހުގެ މުނާސަބަތުގެ ހަރަކާތްތަކާއެކު ޖުލައި 31ގެ ނިޔަލަށް ސަރުކާރު ބަންދު ވުމާއެކު ފޯމާއިއެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތަށް ސަރުކާރުގެ އިދާރާތަކުން ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ފެންނާތީ ކަމަށެވެ.

ކުރިން އިއުލާންކޮށްފައި ވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ 2:00 އަށް ގޮޅިތަކަށް އެދުމަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާގޮތަށެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅި އެވެ.

މާރުކޭޓް ގޮޅިތައް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީ އެވެ. ސިޓީ ކައުންސިލުން ޕާކިންގ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގަ އެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގ ތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.