ނިމިގެންދިޔަ ހަފްތާގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 153 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރުނު ތަފާސްހިސާބު ދައްކާ ގޮތުން، މިދިޔަ ހަފުތާގައި ޓެކްސްގެ ގޮތުގައި 153.2 މިލިއަން ރުފިޔާ ވަނީ އެ އޮތޯރިޓީއަށް ބަލައިގެންފަ އެވެ.

މި މުއްދަތުގައި އެންމެގިނައިން އާމްދަނީ ލިބިފައި ވަނީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީންނާއި، އާއްމު ވިޔަފާރިތަކުގެ ޖީއެސްޓީގެ އިތުރުން ގްރީން ޓެކުހުންނެވެ.

މިގޮތުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 71.8 މިލިއަން ރުފިޔާ ލިބުނުއިރު، އާއްމު ޖީއެސްޓީގެ ގޮތުގައި ވަނީ 56.4 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ވަނީ، 13.5 މިލިއަން ރުފިޔާ ލިބިފަ އެވެ.

ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްދިޔަ ނަމަވެސް، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.

ރާއްޖެއަށް މިހާތަނަށް 600،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާ އަދި ޖަރުމަނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.