ކ. އެނބުދޫފަޅުގައި ތަރައްގީކޮށްފައިވާ "ކްރޮސްރޯޑް މޯލްޑިވްސް" އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާއްމުންނަށް އަލުން ހުޅުވާލުމަށް ނިންމައިފި އެވެ.

ކްރޮސްރޯޑް މޯލްޑިވްސްއިން ބުނީ އަންނަ މަހުން ފެށިގެން އަލުން އާއްމުންނަށް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށެވެ.

ކްރޮސްރޯޑްސްއަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ކްރޮސްރޯޑްސް މޯލްޑްސް މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް ކްރޮސްރޯޑުން ބުނެ އެވެ.

އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް، ކޮވިޑާއި ގުޅިގެން އާއްމުންނަށް ބަންދުކުރީ މިދިޔަ އަހަރު ތެރޭ އެވެ.

މާލެއިން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކްރޮސްރޯޑްސްއަށް ދާ މީހުން ޝައުގުވެރިވާ ގިނަ ތަންތަން އެތަނުގައި ގާއިމުކޮށްފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ފެޝަން ބްރޭންޑްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ހިމެނޭ މަރީނާ ބޭއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ދެ ރިސޯޓު ތަރައްޤީކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ދައްކުވައިދޭ ކަލްޗަރަލް ސެންޓަރަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހަދާފައިވާ މެރިން ބަޔޮލޮޖިކަލް ސެންޓަރެއް ވެސް ކްރޮސްރޯޑްސްގައި ހިމެނެ އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރި "ކްރޮސް ރޯޑް" މަޝްރޫއުގައި ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މީގެ ތެރެއިން ދެ ރިސޯޓް ކަމަށްވާ "ހާޑް ރޮކް ހޮޓެލް" އާއި "ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން އާއްމުންނަށް ފުރަތަމަ ފަހަރަށް ހުޅުވާލީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.