ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ރާއްޖެ އަށް 40 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާއިން މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އެޤައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކު މެދުވެރިކޮށް ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިންނެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑެވެ.

މި ލޯނުއެހީގެ ދަށުން މާލެއާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމާއި އިތުރު ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން މާލޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ނުވަތަ ގައުމީ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކޮށް، ގައުމީ ވޮލީ އަދި ބާސްކެޓް ބޯލް ކޯޓުތައް ތަރައްގީކުރުމާއި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވީ މި ލޯނު އެހީގެ ދަށުން ހދ. ކުމުންދޫއާއި ތ. ކަނޑޫދޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތާއި ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ސިންޓެޓިކް ޓްރެކް ތަރައްގީކުރުން ހިމެނޭ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްގީކުރުމަށް މި ލޯނުން ފައިސާ ހަމަޖެހޭނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.